މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އިން ރިޓަޔަރމަންޓް ރާވައި, އެކަމަށް ފައިސާ ރައްކާކުރަން މަގުފަހިކޮށްދެއެވެ. އަދި މި ސްކީމަކީ, ވަޒީފާއަދާކުރާ ފަރާތްތަކަށް އެއްވެސް ކަހަލަ އުނދަގުލެއް ކުރިމަތިނުވެ, ފަހަށް ފައިސާ ރައްކާކޮށްދޭ ސްކީމެއް ވެސް މެ އެވެ. އެގޮތުން މި ސްކީމުގައި މުވައްޒަފުން ބައިވެރިކުރުމާއި, މަހުން މަހަށް ފައިސާ ޖަމާކުރުމުގެ އިދާރީ ހުރިހާ ކަމެއް ކުރާނީ ވަޒީފާދޭ ފަރާތުންނެވެ. މީގެ އިތުރުން ވަޒީފާ އަދާކުރާ ފަރާތުގެ މުސާރައިން ކޮންމެ މަހަކު ޕެންޝަނަށް ޖަމާކުރާ އަދަދާ އެއްވަރުގެ އަދަދެއް ވަޒީފާދޭ ފަރާތުން, ވެސް ޖަމާކުރާނެ އެވެ. މީގެ ސަބަބުން ކޮންމެ މަހަކު ވެސް ވަޒީފާއަދާކުރާ ފަރާތުގެ ސޭވިންގްސް ދެގުނަ ބޮޑުވެގެންދެ އެވެ. އެ ފައިސާ ބަލަހައްޓައި, އެ ފައިސާގެ އަގު ހިފަހައްޓައި, އެ ފައިސާ އިންވެސްޓްކޮށް އޭގެން ފައިދާ ނެރުމުގެ ދައުރު އަދާކުރާނީ ޕެންޝަން އޮފީހުންނެވެ.

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި, ރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންނަށް މި ސްކީމުގައި ބައިވެރިވުމަކީ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެކެވެ. ނަމަވެސް މި ސްކީމަކީ ރައްކާތެރި, މުސްތަގުބަލަށް ނުހަނު ފައިދާކުރާ ސްކީމަކަށް ވާތީ, އެމްއާރްޕީއެސްގައި ބައިވެރިވުމަކީ އެފަދަ ފަރާތްތަކަށް ވެސް މުހިއްމު ކަމެކެވެ.

އެމްއާރްޕީއެސްގައި ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސޭވިންގްސް ފަންޑެވެ. އަދި މިއީ އިންވެސްޓްކުރުމަށް ރާއްޖޭގައި އޮތް އެންމެ ފަހި ފަންޑު ވެސް މެ އެވެ. އެގޮތުން މި ފަންޑުގެ އިންވެސްޓްމަންޓުން ކޮންމެ އަހަރަކު 5 ޕަސެންޓް ފައިދާ ނެރެވެ އެވެ. މީގެ އިތުރުން އެ ފައިސާ އިން މެންބަރުންނަށް ހައުސިންގ ފައިނޭންސް ހޯދުމުގެ ފުރުޞަތު ފަހިވެ، ޙައްޖުގެ އަޅުކަމަށް ޕެންޝަން ސޭވިންގްސްއިން ބައެއް ނެގުމުގެ ފުރުޞަތު ވެސް ޝަރުތުތަކަކާ އެކު މެމްބަރުންނަށް ލިބެ އެވެ.