Media cover image

27-12-2023Expiry Date 01-12-2038
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އާއި އަސާސީ ޕެންޝަން ސްކީމް އަށް އާއްމުން ހޭލުންތެރިކުރުވުމަށް ޕެންޝަން އޮފީހުން މިއަދު ހަވީރު މާލޭގެ ދެ ސަރަހައްދެއްގައި ރޯޑްޝޯ ބާއްވައިފި އެވެ. މި ހަރަކާތްތައް އޮތީ ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދުގައްޔާއި, މާފަންނު ރަސްފަންނު ސަރަހައްދުގަ އެވެ. މި އިވެންޓުގައި ޕެންޝަން އޮފީހުގެ މުވައްޒަފުން ވަނީ އެމްއާރްޕީއެސް އާއި އަސާސީ ޕެންޝަން ސްކީމާ ބެހޭގޮތުން އާއްމުންނަށް މައުލޫމާތު ފޯރުކޮށްދީފަ އެވެ. އަދި އާއްމުންގެ ހުރި ބައެއް ސުވާލުތަކަށް ޖަވާބުދިނެވެ. މީގެ އިތުރުން ޕެންޝަން ސްކީމްތަކާއި, ރިޓަޔަރކުރުމުގެ ކުރިން ޕެންޝަން ފައިސާ ބޭނުންކުރެވިދާނެ ގޮތްތަކާ ބެހޭ މައުލޫމާތު ހިމެނޭ ލުއި ފޮތް ވެސް ބެހި އެވެ. ރިޓަޔަރކުރުމުގެ ކުރިން އެ ފައިސާ ބޭނުންކުރެވޭނެ އޮންނަނީ މިވަގުތު ދެ ހާލަތެކެވެ. އެއީ ހައުސިން ޑައުންޕޭމަންޓް ދެއްކުމަށާއި, ފަރުޟު ހައްޖުއަދާކުރުމަށަށެވެ. ނަމަވެސް އެ ދެ ހާލަތުގައި ވެސް އެ ފައިސާ ބޭނުންކުރެވޭނީ ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުން, ވަކި ޝަރުތުތަކާ އެކު އެވެ. މި އިވެންޓުގައި ކުޑަކުދިންގެ ގޭމް ހަރަކާތެއް ވެސް އޮތެވެ. އެ ގޭމުގައި ވަރަށް ގިނަ ކުޑަކުދިން ބައިވެރިވެ އިނާމު ހޯދި އެވެ. މި ރޯޑްޝޯގައި އެންމެ ހާއްސަ ކަމަކަށް އޮތީ ޕެންޝަން މައުލޫމާތު ހިމެނޭ ކުއިޒެއްގައި ބައިވެރިވެގެން އިނާމު ހޯދުމުގެ ފުރުސަތެވެ. ކިއުއާރް ކޯޑު ސްކޭންކޮށްގެން އޮންލައިންކޮށް ބައިވެރިވެވޭ ގޮތަށް އޮތް މި ކުއިޒަށް ބޮޑު ތަރުހީބެއް ލިބުނެވެ. އިނާމު ލިބެނީ މި ކުއިޒުގައި ހުރިހާ ސުވާލެއް ޖަވާބުދިމާކުރި ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށެވެ.