މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އަކީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ތައާރަފު ކުރެވިފައިވާ ޑިފައިންޑް ކޮންޓްރިބިއުޝަން (ޑީސީ) ޕެންޝަން ސްކީމެކެވެ. ޑިފައިންޑް ކޮންޓްރިބިއުޝަން ޕެންޝަން ނިޒާމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ސްކީމަށް ފައިސާ ދައްކައި، އެ ފައިސާ އިންވެސްޓް ކޮށްގެން ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރެވޭ ޕެންޝަން ނިޒާމެކެވެ.
އެމްއާރްޕީއެސްގެ މައިގަނޑު އަމާޒަކީ ވަޒީފާއަދާކުރާ މުއްދަތުގައި ފަހަށް ފައިސާ ރައްކާކޮށް ރިޓަޔަރމަންޓަށްފަހު ކަނޑައެޅޭ އާމްދަނީއެއް ލިބޭނެ މަގުފަހިކުރުމެވެ. ވަޒީފާދޭ ފަރާތުންނާއި ވަޒީފާއަދާކުރާ ފަރާތުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ކޮންމެ މަހަކު ސްކީމަށް ދައްކަނީ މުވައްޒަފުގެ އަސާސީ މުސާރައިގެ %7 (ދެ ފަރާތުން ޖުމްލަ %14) އެވެ. މިފަދަ އެހެން ޕެންޝަން ނިޒާމުތަކެކޭ އެއްފަދައިން އެމްއާރްޕީއެސް އިން ޕެންޝަންގެ ގޮތުގައި ލިބޭނެ މިންވަރު ކަނޑައެޅިގެން ދަނީ، ރިޓަޔަރ ކުރާއިރު އެ މީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސްގެ ގޮތުގައި ޖަމާވެފައި ހުރި އަދަދެއްގެ މައްޗަށެވެ.