ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން 2009 ވަނަ އަހަރު ތައާރަފްކުރި މަލްޓިޕިލަރ ޕެންޝަން ނިޒާމެކެވެ. މި ނިޒާމުގައި ހިމެނެނީ މައިގަނޑު ދެ ޕެންޝަން ސްކީމެކެވެ. އެއީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އަދި އުމުރުންދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމެވެ.
އެމްއާރްޕީއެސް އަކީ ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރުމަށް އެހީތެރިވެދިނުމުގެ މަގުސަދުގައި ތައާރަފުކުރެވިފައިވާ ޑިފައިންޑް ކޮންޓްރިބިއުޝަން ޕެންޝަން ސްކީމެކެވެ، މިސްކީމު ހިންގަނީ ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތުން މަހުންމަހަށް ކޮންޓްރިބިއުޝަން ދައްކައި އެފައިސާ އިންވެސްޓްކޮށްގެންނެވެ.
އަސާސީ ޕެންޝަނަކީ ޢުމުރުން 65 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ފޯރުކޮށްދެވޭ ޕެންޝަނެކެވެ. މި ސްކީމުގެ އަމާޒަކީ ޕެންޝަނަށް ފައިސާ ރައްކާކުރުމުގެ ފުރުސަތު ނުލިބޭ މީހުންނާއި ޕެންޝަނަށް ޖަމާވި ފައިސާއިން އެކަށޭނަ ރިޓަޔަރމަންޓް ޕެންޝަނެއް ނުލިބޭ ދިވެހިންނަށް ދޮށީއުމުރުގައި އަސާސީ ޕެންޝަނެއް ލިބޭނެ މަގުފަހިކުރުމެވެ.